ސްޓޭޝަން އިންސްޕެކްޓަރ ޝުހާދުގެ މަސައްކަތަށް 100 އިން 100!
ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާއި ގުޅޭ މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ބައެކެވެ. މިގޮތުން މީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ފެށުނީއްސުރެ މީދޫގެ މުޖުތަމަޢުއަށް ބޭނުންތެރި މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ސްޓޭޝަންގެ ހިންގުމާއި ހަވާލުވާ އިންޗާޖަކީ މި މަސައްކަތްތަކުގައި މުހިއްމު ދައުރެއް އަދާ ކުރައްވާ ފަރާތެކެވެ.   އެގޮތުން ނިމިގެން މިދިޔަ 2019 ވަނަ އަހަރު މީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ މަޤާމު އަދާކުރެއްވި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ޝުހާދު ސަޢީދަކީ މީދޫ ޕޮލިސް ސްޓޭޝަނު ހުޅުވުނު ފަހުން މީދޫއަށް ހިދުމަތްކުރެއްވި އެންމެ ރަނގަޅު ސްޓޭޝަން އިންޗާޖޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ. އަހަރެއްގެ ތެރޭގައި މުހިއްމު ގިނަ މަސައްކަތްތަކެއްކޮށް ރައްޔިތުންގެ އިތުބާރު ހޯދުން މިކަމުގެ ހެއްކަކަށްފުދެއެވެ.   ސްޓޭޝަން އިންސްޕެކްޓްރ ށުހާދުގެ ދައުރުގައި މީދޫ ޕޮލިހުން ކުރި ބައެއް މުހިއްމު މަސައްކަތްތައް 1. މީދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މީދޫ ސިއްޙީ މަރުކަޒުގެ އެހީތެރިކަމާއިއެކު ރަށުތެރޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ރަށުތެރެ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން. 2. ގިނަ ފަރާތްތަކަކަށް ހުޅުވާލެވިގެން ހިންގުނު 1 މަސް ދުވަހުގެ ކަސްރަތު ޕްރޮގުރާމެއް ކާމިޔާބުކަމާއިއެކު ނިންމާލުން 3. ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި އޭގެ ނަތީޖާ ހާސިލްކުރެވިފައިވުން 4. ރަށުގެ ޒުވާނުންނާއި ފުލުހުންގެ މުއައްސަސާ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އަދި ފުލުހުންގެ މުއައްސަސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރުން 5. މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުންނާއި މުޖުތަމަޢު ސަލާމަތްކުރުމަށް ބުރަ މަސައްކަތްތަކެއްކޮށް ރަށަށް އެތެރެކުރެވުނު ގިނަ މަސްތުވާތަކެތި އަތުލައިގަނެ އެކަންކަން ކުރާ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ވަރަށް މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން 6. މީދޫ ޕްރީ ސްކޫލްގެ އާބަތުރަ ފިލުވާ ގޯތިތެރޭގައި ގާ ޖެހުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދިޔުން 7. އެމް.އެން.ޑީ.އެފް އާއި ގުޅިގެން މީދޫގައި ފަޔަރ އެންޑް ރެސްކިޔު ތަމްރީން ޕްރޮގުރާމަތަކެއް ކުރިއަށް ގެންދިޔުން 8. ރަށުގެ ބަނދަރުގައި މީހުން އަރާ ފޭބުމަށް ވަކި ސަހަރައްދެއް ހަދާ ކައުންސިލާއި ގުޅިގެން އެކަން ބެލެހެއްޓުން 9. ކައިރި ރިޒޯޓުތަކާއި މީދޫ ޕޮލިހާއި ގުޅުން ބަދަހިކުރެވި ރިޒޯޓުތަކުން މަސްތުވާތަކެތި ނައްތާލުމަށް ބުރަ މަސައްކަތްތަކެއް ކުރެވި ފޮނި ނަތީޖާއެއް ނެރެވިގެންދިޔަ 10. ރަށުގެ އަމާންކަން ބެލެހެއްޓުމަށް ގަވައިދުން ރަށުތެރެ ޕެޓްރޯލް ކުރުން 11. ރަށުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީ މީހުން ހޯދާ ކައުންސިލާ ގުޅިގެން އެމީހުންނަށް ފިޔަވަޅު އެޅުން   ސްޓޭޝަން އިންސްޕެކްޓަރ ޝުހާދުގެ މަސައްކަތާއިމެދު ކައުންސިލާއި ރައްޔިތުންވެސް ހިތްހަމަޖެހިފައި މީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖެއްގެ ގޮތުގައި ޝުހާދު ކުރި މަސައްކަތްތަކާއިމެދު މީދޫ ރައްޔިތުންނާއި ކައުންސިލުންވެސް ހިތްހަމަޖެހިފައިވާކަން އެ ފަރާތްތަކުގެ ވާހަކަތަކުން އެނގެއެވެ. އެގޮތުން މީދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، ޝުހާދުއަކީ ވަރަށް ހިންގުންތެރި އެންމެނާއިވެސް ވަރަށް ގުޅޭ ކައުންސިލަށްވެސް ވަރަށް ބޮޑަށް އެއްބާރުލުންދެއްވި ބޭފުޅެއްކަމަށެވެ.   ޝުހާދުއާއި ބެހޭގޮތުން ސުވާލުކުރުމުން މީދޫ ކައުންސިލް މެމްބަރު ރައްޒާން ޒަރީރު ވިދާޅުވީ، ޝުހާދުއަކީ މިހާތަނަށް މީދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުވި އެންމެ ހިންގުތެރި ބޭފުޅާކަށާއި އެއީ މީދޫއަށް ބޭނުންވެފައިވާ ފަދަ ލީޑަރެއްކަމަށެވެ. މީގެ އިތުރުން ޝުހާދުގެ މަސައްކަތް މީދޫ ކައުންސިލުންވެސް ބަލައިގަންނަކަމަށާއި އުއްމީދަކީ އަދިވެސް ޝުހާދު މީދޫގެ ޕޮލިހާއި ހަވާލުވެގެންދިޔުންކަމަށްވެސް ރައްޒާން ވިދާޅުވިއެވެ.   މީދޫގެ ގިނަ ރައްޔިތުންވެސް ފާހަގަކުރާ ގޮތުގައި ޝުހާދުއަކީ މިވީތަނަށް މީދޫގެ ޕޮލިސް ސްޓޭޝަނާއި ހަވާލުވި އެންމެ ބަރާބަރު އިންޗާޖެވެ. 'އެމް.ޓީ' އާއި ވާހަކަދެއްކި ހުރިހާ ރައްޔިތުންވެސް އެންމެ ބޮޑަށް ފާހަގަކުރީ އިޖުތމާޢީ ގޮތުން މަސްތުވާތެކެތި ނައްތާލުމަށާއި އެކަމާއި ދެކޮޅަށް ޝުހާދު ކުރި މަސައްކަތްތަކެވެ. އެއީ ޝުކުރު ހައްޤު މަސައްކަތްތަކެވެ.   2019 ވަނަ އަހަރު ރ. އަތޮޅުގެ އެންމެ ރަނގަޅު އިންޗާޖުގެ މަޤާމު ޝުހާދު ހޯދުމުންވެސް ޝުހާދުގެ ފެންވަރާއި މެދު ސުވާލުއުފެދޭނެ ޖާގައެއްނެތެވެ. ޝުހާދުއަކީ މީދޫއަށް އެންމެ ބޭނުންވާފަދަ އިންޗާޖެކެވެ. އެހެންނަމަވެސް ފުލުހުންގެ އުސޫލުތަކާއި އެއްގޮތަށް މިއަހަރު ޝުހާދު މަސައްކަތްކުރާނީ ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަންގައެވެ. މީދޫ ޓައިމްސްގެ ފަރާތުން އެދެނީ ޝުހާދުއަށް ކާމީޔާބީއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...