މުދައްރިސުންގެ ފުރަތަމަ ދުވަހު ބެލެނިވެރިންގެ ފަރާތުން ހާއްސަ ސަޕްރައިޒެއް!
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންނާއި އެކެޑަމިކް ސްޓާފުން ބޮޑު ބަންދަށްފަހު މިއަދު ހެނދުނު ސްކޫލަށް ނިކުތުމުން މަރުކަޒުގެ ޕީ.ޓީ.އޭގެ ބެލެނިވެރިން އިސްނަގައިގެން މުދައްރިސުންނަށް ހާއްސަ ނާސްތާއެއް އަރުވައިފިއެވެ.   މިއަދު ހެނދުނު 8:00 ގައި މުދައްރިސުން އެނބުރި މަރުކަޒަށް ނިކުތްއިރު ބެލެނިވެރިންވަނީ މި ނާސްތާ އެރުވުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި މިއީ މުދައްރިސުންނަށް ކުރިއާލާ ނާންގާ ބެލެނިވެރިން ކުރި ކަމެއްކަމުން މުދައްރިސުންނަށްވަނީ ސަރޕްރައިޒްއެއް ލިބިގެންގޮސްފައެވެ.    ބެލެނިވެރިންގެ ފަރާތުން މިލިބިގެންދިޔަ ނާސްތާ މުދައްރިސުން ބަލައިގަނެފައިވަނީ އުފަލާއިއެކުއެވެ. މީދޫ ޓައިމްސް އާއި ވާހަކަދެއްކި މަރުކަޒުގެ މުދައްރިސަކު ބުނީ، މިފަހަރުގެ ޕީ.ޓީ.އޭ ވަރަށް ތަފާތުކަމަށާއި މިހާރު އޮތް ޕީ.ޓީ.އޭ އަކީ ހުރިހާ ގޮތަކުންވެސް ލާމަސީލު ޕީ.ޓީ.އޭއެއްކަމަށެވެ. މީގެ އިތުރުން ބެލެނިވެރިން މުދައްރިސުންގެ އަގުވަޒަންކުރާތީ އެކަމާ ވަރަށް ހިތްހަމަޖެހޭކަމަށާއި ޕީ.ޓީ.އޭއިން މުދައްރިސުން ހެއްވާލައިފިކަމަށްވެސް މަރުކަޒުގެ މުދައްރިސް ބުންޏެވެ. 
ބެލެނިވެރިންގެ ފަރާތުން މުދައްރިސުންނަށް އެރުވި ހެނދުނުގެ ނާސްތާގެ ތެރެއިން | ފޮޓޯ: ރ. އަތޮޅު ތަޢުލީމީ މަރުކަޒު
މިއަދުގެ ހަރަކާތާއި ބެހޭގޮތުން މަރުކަޒުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު ވިދާޅުވީ، މިއީ ދިރާސީ އަހަރެއް ފެށުން މިފަދަ ގޮތަކަށް ޕީ.ޓީ.އޭއިން ފާހަގަކުރި ފުރަތަމަ ފަހަރުކަމަށާއި، އެންމެ އުފާވެރިކަމެއް ލިބިގެންދިޔައީ ޕީ.ޓީ.އޭގެ ނައިބުރައީސާ އިސްވެ ހުންނަވައިގެން ކޮންމެ މުވައްޒަފަކަށްވެސް ވަކިން މަރުހަބާ ދެންނެވުމުންކަމަށެވެ. މީގެ އިތުރުން މިކަންތައް ކުރިއަށް ގެންދެވުމުގައި މަސައްކަތްކުރެއްވި ހުރިހާ ބެލެނިވެރިންނަށްވެސް ޝުކުރުއަދާކުރައްވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.   ޕީ.ޓީ.އޭގެ މަސައްކަތްތައް ދުވަސްތަކަކަށް މަޑުޖެހުމަށްފަހު ފާއިތުވެދިޔަ އަހަރުވެސް ޕީ.ޓީ.އޭއިންވަނީ މަރުކަޒުގައި މުހިއްމު މަސައްކަތްތަކެއްކޮށްފައެވެ. ހާއްސަކޮށް މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

2020-01-08 18:42:41
ހަކީމް
ސަޅިކަމެއް
އެންމެ މަގުބޫލު: 7 ދުވަސް

...