ކައުންސިލަރުންގެ މުސާރަވެސް ބޮޑުވެއްޖެ، މިއީ ތަޢުލީމީ ޤާބިލް މީހުން ނިކުންނަންވީ ފަހަރު؟!
ރަށު ކައުންސިލަރުންނަކީ ރަށްރަށުގެ ތަރައްޤީ އާއި ގުޅޭ މުހިއްމު ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާއާއެކު އިންތިހާބުކުރާ ބައެކެވެ. ހާއްސަކޮށް ރައީސް ސޯލިހްގެ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ދައުރުވަނީ އިންތިހާއަށް ބޮޑުވެފައެވެ.   ކުޑަ ގޮތަކަށް ބުނާނަމަ ދެން އިންތިހާބުވާ ކައުންސިލާއެކު ރަށުގައި އުފެދޭނީ 'ކުޑަ ސަރުކާރެކެވެ.' މި ކުޑަ ސަރުކާރު ނުވަތަ ރަށު ކައުންސިލަކީ ސަރުކާރުން ދޭ ބަޖެޓުން ރަށަށް ބޭނުންވާ މުހިއްމުކަން ކަން ކުރުމުގެ ބުރަބޮޑު ޒިންމާ ބޮލުގައި އަޅައިގެން ތިބޭ މީހުންނެވެ. އެ މަޤާމު އަދާކުރެވޭނީ އެކަމަށް ޤާބިލް މީހުންނަށްކަމާއިމެދު ޝައްކެތްނެތެވެ.   ކައުންސިލް އިންތިހާބަށް ދެތިން މަހަށްވެފައިވަނިކޮށް ރައީސް ސޯލިހް މިއަދު މިވަނީ އާ ކައުންސިލަރުންގެ މުސާރައިގެ ގޮތުގައި ދޭނެ އަދަދުތައް ހާމަކުރައްވާފައެވެ. ރައީސް މިކަން އިޢުލާނުކުރެއްވުމާއިއެކު ބައެއް ފަރާތްތަކުން އަންނަނީ މުސާރަތައް ބޮޑުކަމަށްބުނެ ޝަކުވާ އާއި ފާޑުކިޔުންތައް ބަންޑުން ކުރަމުންނެވެ.   އެހެންނަމަވެސް، އެމް.ޑީ.ޕީ މަޑުއްވަރީ ދާއިރާގެ ރައީސް އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލީ މަނިކުގެ ޙިޔާލު ވަރަށް ތަފާތެވެ. މޫސާ އަލި މަނިކު ވިދާޅުވެފައިވަނީ، މުސާރަ ބޮޑުކުރާ ޙަބަރާއެކު 'ކިޔެވުމުގެ ބޭނުމެއް ނެތްކަމަށް' ބައެއް ފަރާތަތަކުން ބުނަމުން އަންނާތީ ހިތާމަކުރައްވާކަމަށެވެ. މުސާރައަށް މި ގެނެވުނު ބަދަލަކީ ކިޔަވައިގެން ތިއްބަވާ ޢިލްމީ ޤާބިލް ބޭފުޅުން ނުކުންނެވުމަށް ބާރު އެޅުންކަމަށް މުސާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.   މި ވާހަކަވެސް މުޅިއަކުން ގޯހެއް ނޫނެވެ. ކިޔަވައިގެން ތިއްބެވި ބައެއް ބޭފުޅުން ކައުންސިލަށް ނިކުންނަށް ދެކޮޅު ހަދަނީ ލިބޭ މުސާރަ ކުޑަކަމަށް ބުނެއެވެ. އެހެންނަމަވެސް، މިފަހަރު މިއޮތީ މުސާރަވެސް ބޮޑުކޮށްފައެވެ. ބާރުތައްވެސް ކައުންސިލްތަކަށް ދީފައެވެ. އަދި ސަރުކާރުގެ ބަޖެޓުން ވަކި މިންވަރެއް ކައުންސިލްތަކަށް ދޭންވެސް ނިންމަވާފައެވެ. މިއީ ކިޔަވައިގެން ތިއްބެވި ޢިލްމީ ޤާބިލް ބޭފުޅުން ކުރިމަތިލާންވީ ފަހަރު ނޫންތޯއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...