ދިވެހިންގެ އަޑު: ރޭޕްކުރާ ނުބައި ނުލަފާ މީހުންނަށް މަރުގެ އަދަބު ދޭން ޖެހޭ!
އިއްޔެއިން ފެށިގެން މުޅި ރާއްޖޭގައި، ހުރިހާ ހިސާބެއްގައިވެސް އެންމެ އަޑުހަރުކޮށް ދެކެވެމުން އަންނަ އަޑަކީ މުނިކާފައާއި، ކާފަ އަދި ބައްޕަ ވެގެން 2 އަހަރުގެ ތުއްތުތުއްތު ކުއްޖަކު ރޭޕުކުރި ހިތްދަތި ވާހަކައެވެ.     މި ވާހަކަ ފެންމަތިވުމާއިއެކު އޭގެ އަސަރު ނުކުރާ ހަމައެކަކުވެސް ނެތެވެ. އެންމެންގެ ލޯތަކުންވެސް ކަރުނަ އޮހޮރުންފަދައެވެ. އެ މައުސޫމު ތުއްތު ކުއްޖާގެ މުޅި ޙަޔާތް ބަރުބާދުކޮށްލާފައިއެވަނީ އެ ކުއްޖައަށް ހިމާޔަތް ދިނުމަށް މި ދުނިޔޭގައިވާ އެ ކުއްޖާގެ ބައްޕައާ ކާފަ އަދި މުނިކާފައެވެ. ކުރީގެ ރައީސް މަޢުމޫންވެސް ފާހަގަކުރައްވަނީ މި މީހުންގެ ނުބައި އަމަލު ޖަނަވާރުންގެ އަމަލެއްގެ ގޮތުގައެވެ.   ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި، އަދި އެއްވެސް ޝައްކެތް ނެތް ގޮތުގައި މި ޤައުމުގެ ހާލަތު މި ހިސާބަށް ގޮސްފައިމިވަނީ އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ. މިއަދުވެސް މި ނުބައި ޢަމަލު ކުރި މީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ ހައްޤު އަދަބު ދެވިއްޖެނަމަ މިފަދަ އެތައް ބަޔަކު މިކަހަލަ ޢަމަލުތައް ކުރުމަށް ފަސްޖެހޭނެކަން ކަށަވަރެވެ.   މި ތުއްތު ކުއްޖާގެ ޙަބަރާއެކު އެންމެ ގަދަވެފައިވާ އަޑަކީ ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ އަޑެވެ. އެފަދަ ނުބައި ނުލަފާ ބަޔަކު މި ދުނިޔެމަތީގައި ބޭތިއްބުން ހައްޤުވެގެން ނުވާކަމަށް ގޮވާލާއަޑެވެ. ދީނީ ޢިލްމުވެރިންވެސް ގޮވާލަމުން އަންނަނީ އިސްލާމީ ޝަރީޢަތް މި ޤައުމުގައި ތަންފީޒުކުރުމަށެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ފަށައިފިނަމަ މި ޤައުމުގެ ހާލަތު އިންތިހާއަށް ރަނގަޅު ވެގެންދާނެކަން ޔަޤީނެވެ.   ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. މިއީ ދިވެހި ރައްޔިތުންގެ އާދޭހެވެ. މިއީ މަނިކުފާނުގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. ފަސްޖެހިވަޑައިނުގަންނަވާށެވެ. އެ ނުބައި ނުލަފާ މީހުންނަށް ހައްޤު އަދަބުދޭށެވެ. މިއަދު އެމީހުންނަށް ހައްޤު އަދަބު ނުދެވިއްޖެނަމަ މާދާމާ މީގެ އަނެއް މައްސަލަ ފެންމަތިވާނެކަން ޔަޤީނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...