މަޝްހޫރު ޕްރެޒެންޓަރު ސޯދިޤު މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަނީ
މަޝްހޫރު ޓީވީ ޕްރެޒެންޓަރު މުޙައްމަދު  ސޯދިޤު ރ. މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ނިންމާ އެކަން އިޢުލާންކޮށްފިއެވެ.   މިއަދުގެ ވަގުތެއްގައި ފޭސްބުކްގައިކޮށްފައިވާ ޕޯސްޓެއްގައި މުޙައްމަދު ޞާދިޤު ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަކުރުމަށް ޕީ.ޕީ.އެމްގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާކަމަށާއި މަޑުއްވަރީގެ ޕީ.ޕީ.އެމް މެމްބަރުން ވޯޓުދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.   މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ނިންމެމުމަށްފަހު މީދޫ ޓައިމްސްއަށް މަޢުލޫމާތުދެމުން ޞާދިޤު ބުނީ، މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ނިންމީ މަޑުއްވަރީގެ ތަރައްޤީގައި މިހާރަށްވުރެ ބޮޑަށް ޒުވާނުން އުޅެން ޖެހޭކަމަށް ފެންނާތީއާއި މަޑުއްވަރީ އާއި ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލުކުރުމަށްކަމަށެވެ.   މީގެ އިތުރުން ރައީސްކަމަށް ވާދަކުރުމަށް ނިންމި އިތުރު ސަބަބުތަކުގެ ތެރޭގައި މަޑުއްވަރީގައި ގިނަ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރު ކުރަން ޖެހޭކަމަށް ފެންނާތީއާއި އިޖުތިމާޢީ ގޮތުން މަޑުއްވަރީއަށް އެތައްކަމެއް ބޭނުންވެފައިވާކަމަށް ފެންނާތީކަމަށްވެސް ޞާދިޤު ބުންޏެވެ.   ޕަބްލިކް ސާވިސް މީޑީޔާގައި މަސައްކަތް ކުރާތާ 14 އަހަރުވެފައިވާ ޞާދިޤު މިވަގުތު މަސައްކަތްކުރަމުން އަންނަނީ ސީނިއަރ އެގްޒެކްޓިވް ޕްރޮޑިއުސަރެއްގެ މަޤާމުގައެވެ. މީގެ ކުރިން އޭނާ ވަނީ ޔެސް ޓީވީގެ މެނޭޖަރުގެ މަޤާމުވެސް އަދާކޮށްފައެވެ.   ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ފޯރި މަޑުއްވަރީގައި ގަދަވެފައިވާއިރު އެމް.ޑީ.ޕީގެ ޕްރައިމަރީގައިވެސް 10 މީހުން ވާދަކުރާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން 3 ފަރާތަކުން ވާދަކުރަނީ އެމް.ޑީ.ޕީގެ ޓިކެޓުގައި މަޑުއްވަރީގެ ރައީސްކަމަށް ވާދަކުރުމަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...