ފިޠްރު ޢީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާތީ މިއަހަރުގެ ފިޠުރު ޢީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.   އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވާފައިވާ ސާކިއުލަރއެއްގައި ބުނެފައިވަނީ މިހާރުގެ ހާލަތާއި ގުޅިގެން ފަރުދީ ގޮތުން ގޭގައި ތިބެ ޢީދު ނަމާދުގެ ޝިޢާރު ޤާއިމް ކުރުން ޝަރުޢުވެގެންވާކަމަށެވެ. ގޭގައި އީދު ނަމާދު ކުރަން ޖެހޭނީ މިސްކިތުގައިވެސް ކުރާ ފަދައިންކަމަށް މިނިސްޓްރީގެ އެންގުމުގައި ބުނެފައިވެއެވެ.   އެހެންނަމަވެސް ޢީދު ނަމާދުގެ ހުތުބާއަކީ ޙާކިމާގެ ޢަމުރަށް ބޮޑު ޖަމާޢަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއްކަމުން ގޭގައި ޢީދު ނަމާދު ކުރާއިރު ހުޠުބާ ދިނުން ނޯންނާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޢީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ޤަމަތް ދިނުމާއި ނުލާކަމަށާއި އެކަނިވެސް ޢީދު ނަމާދު ކުރެވޭނެކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ބޮޑަށް އަޢުލާކަން ބޮޑުވެގެންވަނީ ގޭގެ އަހުލުންނާއިއެކު ޖަމާޢަތުގައި ކުރުންކަމަށް މިނިސްޓްރީން ލަފާ ދެއްވާފައިވެއެވެ.   ގޭގައި ނަމާދުކުރާއިރު ޢަމަލްކުރަން ޖެހޭ ގޮތްވެސް މިނިސްޓްރީންވަނީ އަންގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ: - ޢީދު ނަމާދަށް ނިޔަތްގަނެ ހަށަންބަތް ތަކުބީރު ކިޔަ ހަށަންބަނދެ، ދުޢާޢުލް އިފްތިތާޙް ކިޔުން - ހަށަންބަތް ތަކުބީރު ފިޔަވާ ވިދިވިދިގެން 7 ތަކުބީރު ކިޔުން، ކޮންމެ ތަކުބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން - އެއަށްފަހު ފާޠިޙާ ސޫރަތް ކިޔަވައި ސޫރަތުލް އަޢްލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން - އެއަށްފަހު އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކްޢަތް ފުރިހަމަކުރުމަށްފަހު ދެވަނަ ރަކްޢަތަށް ތެދުވުން - ދެވަނަ ރަކްޢަތަށް ތެދުވަމުން ކިޔާ ތަކުބީރުގެ އިތުރުން ވިދިވިގެން 5 ތަކުބީރު ކިޔުން. ކޮންމެ ތަކުބީރެއްގައިވެސް ދެ އަތް ދެކޮނޑާ ހަމައަށް އުފުލުން - ދެވަނަ ރަކުޢަތުގައި ފާޠިޙާ ސޫރަތް ކިޔަވާ ސޫރަތުލް ޢާޝިޔާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން - ދެވަނަ ރަކްޢަތް ފުރިހަމަކޮށް، އައްތަޙިއްޔާތު ކިޔުމަށްފަހު ސަލާމްދިނުން   ޢީދު ނަމާދުގެ ވަގުތު ވަންނާނީ ލޮންސިއެއްގެ މިންވަރަށް، ގާތްގަނޑަކަށް އިރު އަރާ ވަގުތުން ފެށިގެން 20 މިނިޓް އިރު ވުމުންކަމަށް މިނިސްޓްރީގެ އެންގުމުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ނުހެދުނު ނަމަވެސް ގޭގައި ޢީދު ނަމާދު ކުރުމަށާއި، ގިނަގިނައިން ތަކުބީރު ކިޔުމަށާއި ޝަރުޢީ ހަމަތަކުގެ މަތިން ރައްކާތެރިކަމާއިއެކު ގޭގެ އަހުލުންނާއިއެކު ޢީދު އުފާ ފާޅުކުރުމަށް މިނިސްޓްރީންވަނީ ނަސޭޙަތްތެރިވެފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...