އެމް.ޕީންގެ އަގުބޮޑު ފުޓުބޯޅަ މުބާރާތްތައް: ދާއިރާގެ ޒުވާނުންނަށް ރަނގަޅު ހަދިޔާއެއް!
  ދިއްދޫގައި ކުރިއަށްދާ އެއްލައްކަ ކަޕާއި ނ. އަތޮޅުގައި ކުރިއަށްދާ ޝިޔާމް-މައުރޫފް ސޮކާރ ކަޕްގެ އިތުރުން ތ. އަތޮޅުގައި ކުރިއަށްދާ ކިނބިދޫ ދާއިރާގެ އެމް.ޕީ ކަޕުގެ ޙަބަރުތަކަކީ މިވަގުތު ރާއްޖޭގެ ކުޅިވަރު ޙަބަރުތަކުގެ ސުރުހީތަކުން ޖާގަ ހޯދަމުން އަންނަ މުބާރާތްތަކެވެ.       މިގޮތުން ހއ. ދިއްދޫގައި ކުރިއަށްދާ "އެއްލައްކަ ކަޕް" އަކީ އެ ދާއިރާގެ މެމްބަރު ލަތީފް ޙަރަދުކުރައްވައިގެން ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ އެއްލައްކަ ރުފިޔާގެ އަގުބޮޑު ފުޓުބޯޅަ މުބާރާތެކެވެ. މި މުބާރާތް ބާއްވާތާ މިއީ ފަސް ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ. ކޮންމެ އަހަރަކުވެސް ޓީމުތަކުން މި މުބާރާތަށް ބޮޑެތި ތައްޔާރީތަކެއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިއީ ދާއިރާގެ އެމް.ޕީއެއްގެ ފަރާތުން ޒުވާނުންނަށް ދެވޭނެ އެންމެ ފުރިހަމަ އެއް ހަދިޔާއެވެ. ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު ލަތީފް މިކަމަށް ދޭ އަހަންމިއްޔަތުގެ ބޮޑުކަން މިފަހަރުގެ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުވެސް ޓީ.ވީ.އެމްގެ ބޮޑު ސްޓޫޑިއޯގައި ބޭއްވުމުންވެސް އެނގިގެންދެއެވެ.       ނ. އަތޮޅުގައި މިހާރު ފެށިގެން ކުރިއަށްދާ ޝިޔާމް – މައުރޫފް ސޮކަރ ކަޕަކީވެސް މަޖިލިސް ދެ މެމްބަރެއްކަމަށްވާ މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޝިޔާމް އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މަޢުރޫފްގެ އިސްނެންގެވުމާއިއެކު މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި ދެ މެމްބަރުންނަކީވެސް ނ. އަތޮޅަށް ނިސްބަތްވެލައްވާ ދެ މެމްބަރުންކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާ ދީގެން މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ އަގުބޮޑު ފުޓުވޯޅަ މުބާރާތްކަންވެސް ފާހަގަކޮށްލެވެއެވެ. މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތަށް ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ތަރިންވެސް މީގެ ކުރިން ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.       ކިނބިދޫ ދާއިރާގެ ޒުވާނުންނަށް ހާއްސަކޮށްގެން އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްވެސް ފުޓުބޯޅަ މުބާރާތެއް ބާއްވާތާ މިއީ ފަސްވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތަކީވެސް ބައި ލައްކަ ރުފިޔާގެ އަގުބޮޑު މުބާރާތަކަށްވާއިރު ކޮންމެ އަހަރަކުވެސް ދާއިރާގެ ރަށްތަކުން މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.       މި ތިން މުބާރާތަކީ މި ދުވަސްވަރު ކުރިއަށްދާ ތިން މުބާރާތަށް ވީ ނަމަވެސް އެހެން ދާއިރާތަކުގެ މަޖިލިސް މެމްބަރުންވެސް އީދާއި ދިމާކޮށްވެސް އެކި ކަހަލަ މުބާރާތްތައް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ބައެއް މަޖިލިސް މެމްބަރުން މިކަންކަމުގައި ނަމޫނާ ދައްކަމުން އަންނައިރު ދާއިރާތަކުގެ ޒުވާނުންނާއި ގާތްގުޅުމެއް ނުބާއްވާ ބައެއް މަޖިލިސް މެމްބަރުންވެސް ތިއްބަވާކަން ފާހަގަކޮށްލެވެއެވެ.       ޒުވާނުންނަކީ ދާއިރާތަކުގެ މެޖޯރިޓީއަށް ވާއިރު ޒުވާނުންނާއި ގާތްގުޅުން ބޭއްވުމަކީ ދާއިރާގެ މެމްބަރަށްވެސް ކުރިއަށް ދިޔުމަށް ފަސޭހަވެގެންދާނެކަމެއްކަން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފްމެންފަދަ މެމްބަރުން އެ އަންނަނީ ސާބިތުކޮށްދެމުންނެވެ.    
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...