ރ. މީދޫ ސްޕޯރޓްސް ކުލަބު ރަޖިސްޓްރީ ކުރިތާ 9 މަސް، ރަސްމީ މަސައްކަތްތައް ފަށައިނުގަނެވިފައި!
  މިއަހަރުގެ ކުރީކޮޅު ކުރިއަށްދިޔަ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މީދޫ ސްޕޯރޓްސް ކުލަބުން ބައިވެރިވާން ނިންމުމާއިއެކު ސްޕޯރޓްސް ކޮމިޝަންގައި ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީވާން މަޖުބޫރުވިއެވެ. އެހެންކަމުން ބާރު ސްޕީޑެއްގައި މަސައްކަތްތައް ނިންމުމަށްފަހު މީދޫ ސްޕޯރޓްސް ކުލަބުން މުބާރާތާއި ކުރިމަތިލީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ކުލަބެއްގެ ގޮތުގައެވެ.       ސްޕޯރޓްސް ކޮމިޝަނަރ ސޮއިކުރައްވާ މީދޫ ސްޕޯރޓްސް ކުލަބު، ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދެއްވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ރަޖިސްޓްރީ ކުރުމަށްފަހު ކުލަބު ހިންގުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލެވި މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރަތާއި ކުރިމަތިލިއެވެ. އަމިއްލަ ރަށުގައި މުބާރާތް ބޭއްވުމުގެ ބުރަ މަސައްކަތް ކުރުމަށްފަހު ކުލަބަށް ލިބިގެންދިޔަ ފުރަތަމަ ކާމިޔާބީއަކީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދުމެވެ. މިއީ މީދޫ ސްޕޯރޓްސް ކުލަބުގެ ތާރީޙުގައި ލިޔެވިގެންދާނެ ފުރަތަމަ ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.       އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޒޯން  މުބާރަތާއި ކުރިމަތިލާ ސަރަހައްދުގެ ވަރުގަދަ ބާރެއްކަމަށްވާ ނައިފަރު ބަލިކޮށް ފައިނަލްގެ ޖާގައެއް ހޯދާ މިނިވަން ޗެމްޕިއަންޝިޕު ފެށިފަހުން ޒޯންގެ ފައިނަލަށް ދަތުރުކުރި ރ. އަތޮޅުގެ ފުރަތަމަ ޓީމުގެ ޝަރަފްވެސް މީދޫ ސްޕޯރޓްސް ކުލަބުން ހޯދިއެވެ.       ނަމަވެސް، މި މުބާރާތް ނިމުމާއިއެކުވެސް މީދޫ ސްޕޯރޓްސް ކުލަބުގެ ރަސްމީ މަސައްކަތްތައް ކުރިއަށް ގޮސްފައެއްނުވެއެވެ. މުބާރާތުގެ ކަންތައް ނިމި ހަމައަކަށް އެޅުމާއިއެކު މިކަންތަކުގެ މަތިންވެސް މި ވަނީ ހަނދާންނެތިފައެވެ. މީދޫ ސްޕޯރޓްސް ކުލަބު ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު އެކުލަވާލަން ޖެހޭ އަސާސީ ޤަވާއިދާއި ކުލަބުގެ އިންޠިހާބީ މަޤާމްތަކަށް އަދިވެސް މީހުން އިންޠިހާބު ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.       މިކަމާއި ގުޅޭ ގޮތުން މީދޫ ސްޕޯރޓްސް ކުލަބުގެ މުއައްސިސް އަދި މީދޫ ކައުންސިލް މެމްބަރ ރައްޒާން ޒަރީރު ވިދާޅުވީ، އަސާސީ ޤަވާއިދުވެސް އަދި މަޤާމްތަކަށްވެސް އަދި މީހުން އިންޠިހާބު ކުރެވިފައިނުވާ ކަމަށާއި، ނަމަވެސް މުބާރާތް ނިމުމުނު ފަހުން މިކަމުގެ ބައެއް މަސައްކަތްތައް ކުރެވިފައިވާކަމަށެވެ. މީދޫ ސްޕޯރޓްސް ކުލަބުގެ މުއައްސިސް އަދި މިނިވަން ޗެމްޕިއަންޝިޕުގައި މީދޫ ސްޕޯރޓްސް ކުލަބު ހިންގުމަށް ނެގި ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ޝަރީފް (ކޮކާ) ބުނީ މިކަމުގައި ބުނާނެ އެއްޗެއް ނެތްކަމަށެވެ.       މިފަދަ ކުލަބެއް ހެދުމުގެ މައިގަނޑު މަޤުސަދަކީ ރަށްރަށުގައި ކުޅިވަރުގެ ހަރަކާތްތައް އިތުރުކޮށް ކުޅިވަރު ކުލަބުތަކަށް ބާރުވެރިކުރުންކަމަށްވާއިރު ހަމައެކަނި މިނިވަން ޗެމްޕިއަންޝިޕް މުބާރަތާއިއެކު ރަޖިސްޓްރީކޮށްފައިވާ ކުލަބެއްގެ މަސައްކަތް ނިމުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...