އެހީއަށް ބޭނުންވެފައިވާ އެތައް ބަޔަކު އެބަތިބި، އެހީތެރިވުމަކީ އުފަލަކަށް ހަދަމާތޯ!
ދިވެހިންނަކީ ޒަމާނުންސުރެ އެކަކު އަނެކަކަށް އެހީތެރިވެ އަޅާލާ ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެކެވެ. ރާއްޖެ އައިސްދާ ބޭރު މީހުންވެސް އެބައިމީހުންގެ ފޮތްފޮތުގައިވެސް މިކަން މިގޮތަށް ފާހަގަކޮށްފައި އޮންނަނީ ސަބަބެއް ނެތިއެއްނޫނެވެ. ޖެހިގެން ހުރި ގޭގެ ތެލި ފޫކަހާލާ އަޑަށް ކާތަކެތި ހިފައިގެން ދާ ބަޔަކީވެސް ހަމަ ދިވެހިންނެވެ. މިއީ ފަޚުރުވެރިކަމާއިއެކު ދެއްކޭނެ ވާހަކަތަކެވެ.   މިއަދު ދިވެހިންގެ ތެރޭގައި ބޮޑެތި އެތައް ބަލިތަކެއް ޖެހި ފައިސާ ނެތުމުގެ ސަބަބުން ބޭސްފަރުވާ ނުކުރެވިފައިވާ އެތައް ސަތޭކަ ބަޔަކު އުޅެމުން އަންނަކަން މީސް މީޑިޔާ ބަލާލުމުންވެސް އެނގިގެންދެއެވެ. ބޭސްފަރުވާއަށް ބޭނުންވެފައިވާ އެތައް ބަޔަކަށް އެހީތެރިވުމަށް އެދި ހަދާފައިވާ އެކި ކަހަލަ ޕޯސްޓްތައް ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ހަޤީޤަތުގައި މިފަދަ މީހުންނަށް އާއްމުންގެ އެހީތެރިކަން ނުލިބި ބޭސްފަރުވާ ކުރުން ވެގެންދާނީ ދަތިކަމަކަށެވެ.   އިސްލާމްދީނުގައިވެސް އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އަޅާފައިވާއިރު ﷲ ގެ މަގުގައި އެ ފަދަ ކަމަކަށް ކުރެވޭ ހޭދައަކީ ހަމަގައިމުވެސް ގެއްލިގެންދާނެ އެއްޗެއް ނޫނެވެ. އެއީ ކޮންމެވެސް ދުވަހަކުން އޭގެން ތިމާއަށް ފައިދާ ކުރާނެ އެއްޗެއްކަމާއިމެދު ޝައްކެތްނެތެވެ.   މިފަދަ އެހީއަސް ބޭނުންވެފައިވާ މީހުންނަށް ފައިސާ ހޯދައިދިނުމަށްޓަކައި ތަފާތު އިވެންޓުތައް ޖައްސަމުން އަންނަ ފަރާތަކުން ބުނި ގޮތުގައި، އިވެންޓުތައް ޖެއްސުމަށް އެތައް ބައެއްގެ ފަރާތުން ރިކުއެސްޓުތައް އަންނަކަމަށާއި ބޭނުންވާ ހުރިހާ އެންމެންނަށް ހަރަކާތްތައްވެސް ނުޖެއްސޭކަމަށެވެ. އެހެންކަމުން އާއްމުންނާއި ސަރުކާރުންވެސް މިފަދަ މީހުންނަށް އެހީވުމަށް މުހިއްމު އިސްކަމެއް ދޭން ޖެހޭކަމަށް ޤަބޫލުކުރެވޭކަމަށް އެ ފަރާތުން ބުންޏެވެ.   ސަރުކާރުންވެސް މިފަދަ ބޭސް ފަރުވާއަށް ޖެހިފައިވާ ފަރާތްތަކަށް ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ދޭ ގޮތަށް ހަމަޖެއްސުމަކީ މިހާރު ކުރުން މުހިއްމުކަމެކެވެ. އާއްމުންވެސް އެހީތެރިވުމަކީ އުފަލެއްކަމުގައި ދެކެންވީއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...