ކޭތަ ނަމާދު ކުރާނެގޮތް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކޭތަނަމާދަކީ؛ އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަން ފެށުމުން އެ ވީއްލުމާއި ދެމެދުގައި ކުރެވޭ ނަމާދެކެވެ. رسول الله صلى الله عليه وسلم ގެ އަރިހުން ސާބިތު ނަމާދެކެވެ. البخاري އާއި مسلم ގައި އަދި ސުނަންގެ އެއްމެހައި ފޮތްތަކެއްގައި ވަރަށް ގިނަ އަސްހާބުންގެ އަރިހުން އިތުރު އެކަލޭގެފާނުން ކޭތަ ނަމާދު ކުރެއްވިކަން ސާބިތެވެ.
ކޭތަނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެނަމާދު ކުރުން ސުންނަތްވެގެންވާ ގޮތަކީ؛ ކޭތަހިފަން ފެށުމުން މިސްކިތުގައި ޖަމާއަތުގައެވެ. އަދި ޖަމާއަތަށް ގޮވާނީ (الصلاة جامعة( މިފަދައިންނެވެ. ޖަމާއަތެއް ނެއްނަމަ އެކަނިވެސް ކުރެވޭނެއެވެ.
މިނަމާދުގައި ވަނީ ދެރަކުޢަތެވެ. ކޮންމެ ރަކުޢަތެއްގައި ދެ ރުކޫޢާއި ދެ ސަޖިދައެވެ. އެހެންވެސް ނަމާދުފަދައިން ނަމާދު ފަށައި ފާތިހާ ސޫރަތް ކިޔަވައި، ދިގުކޮށް (ގާތްގަނޑަކަށް ބަޤަރާ ސޫރަތުގެ ދިގުމިނަށް) ކިޔަވާނީއެވެ. އެއަށްފަހު الله أكبر ކިޔައި ރުކޫޢަށް ގޮސް ދިގުކޮށް ރުކޫޢު ކުރާނީއެވެ. އެއީ ޤިޔާމަށްވުރެ ތަންކޮޅެއް ކުރުކޮށެވެ. ދެން سمع الله لمن حمده، ربنا ولك الحمد ކިޔައި ރުކޫއިން ތެދުވާނީއެވެ. ދެން ފުރަތަމަ ޤިޔާމުފަދައިން ދިގުކޮށް ކިޔަވައި ޤިޔާމު ކުރާނީއެވެ. އެއީ ފުރަތަމަ ޤިރާއަތަށްވުރެ ކުރުކޮށެވެ. ދެން އަނެއްކާވެސް ރުކޫއު ކުރާނީއެވެ. އެއީ ފުރަތަމަ ރުކޫޢަށްވުރެ ކުރުކޮށެވެ. ދެން ރުކޫޢިން ތެދުވެ، الله أكبر ކިޔައި ސަޖިދަކުރާނީއެވެ. އަދި ސަޖިދައިގައިވެސް ތަސްބީހަކިޔާނީ ދިގުކޮށެވެ. ފުރަތަމަ ސަޖިދައަށްވުރެ ދެވަނަ ސަޖިދަ ކުރުކޮށެވެ. ދެވަނަ ސަޖިދައަށްފަހު ދެވަނަ ރަކުޢަތަށް ތެދުވެ، ކުރީ ރަކުއަތް ފަދައިން ދެވަނަ ރަކުޢަތްވެސް ކުރާނީއެވެ. އެއީ ފުރަތަމަ ރަކުޢަތަށްވުރެ ކުރު ކޮށެވެ. މިފަދައިން البخاري އާއި مسلم عائشة އާއި ابن عباس رضي الله عنهما ގެ އަރިހުން ރިވާކުރެއްވިއެވެ. ބައެއް ރިވާޔަތްތަކުގައި ރުކޫޢުގެ އަދަދު ދެއަކަށްވުރެ އިތުރުކޮށް ވާރިދުވެފައިވެއެވެ. ވީމައި ދެ ރުކޫޢަށްވުރެ އިތުރުކޮށްވެސް ރުކޫޢު ކުރެވިދާނެއެވެ.
ނަމާދަށްފަހުގައި ޚުޠުބާއެއް ކިޔައި ވަޢުޡު ނަސޭހަތެއް ދިނުން މުސްތަޙއްބު ވެގެންވެއެވެ. ކައުއިތުރު ރަސޫލު الله صلى الله عليه وسلم ކޭތަ ނަމާދަށް ފަހުގައި މީސްތަކުންނަށް ވަޢުޡު ވިދާޅުވިއެވެ. ހަމައެފަދައިން؛ ދުޢާއާއި އިސްތިޣްފާރު ކުރުމާއި ތަކުބީރާއި ޛިކުރު ގިނަކުރުމާއި ޞަދަގާތް ކުރުން އެދެވިގެންވެއެވެ. [البخاري އާއި مسلم].
والله أعلم وبالله التوفيق
ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް އާދަމް ޝަމީމް އިބްރާހީމް
ނޯޓް: ދިއިސްލާމް.ކޮމް އިން ނަކަލު ކުރެވިފައި                  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...