ވޯޓާއި ސިޔާސީ ކަންކަމުގެ ސަބަބުން އާއިލާތައް ރޫޅެނީ، މިއީ ބޮޑު ގޯހެއް!
މިއީ ރިޔާސީ އިންތިޙާބު ބޯމަތިވެފައިވާ ދުވަސްވަރެކެވެ. ގެތަކުގެ ބަދިގެތަކުން ފެށިގެން ގޮސް ޖޯލިފަތިތަކާއި ސައި ހޮޓާ ފަދަ ތަންތާކުވެސް ސިޔާސީ ނޫން ވާހަކައެއް މިހާރު ނުދައްކައެވެ. އެހާވެސް ބޮޑަށް ސިޔާސީ ފޯރި މިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކުވެސް ގަދަވެފައެވެ. މިއީކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށްވަނީ މި ސިޔާސީ ފޯރީގެ ސަބަބުން އާއިލާތައް ރޫޅި އެންމެ ގާތް އެކުވެރިންވެސް ދުރުވާ ހިސާބަށް ކަންތައް ދާތީއެވެ.   ސިޔާސީ ކުލަވަރު ޖެހި ބަނޑުއަޅާ ވިހެއި ދަރިއަށް މައި މީހާ ނުފެނި މައި މީހާއާއި ރުޅި ހަދާފައި ހުރުމުގެ ހައްޤު ލިބެނީ ކިހިނަކުން ހެއްޔެވެ؟ ވިސްނާލިއަސް މިއީކީ މިކަން ވާން ޖެހޭނެ ގޮތެއް ނޫންކަން ހަމަ ކޮންމެ މީހަކަށްވެސް އެނގިގެންދާނެއެވެ. އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުންގެ މެދުގައި އޮންނަން ޖެހޭ ރަޙިމުގެ ގުޅުންވެސް ބައެއް މީހުން އަންނަނީ ކަނޑަމުންނެވެ.   ރަޙިމުގެ ގުޅުން ކަނޑައިފި މީހާއަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެކަމަށް މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާއިރު ދުނިޔެވީ މި ފަދަ ކަމަކާއި ހުރި އެ ގުޅުން ކަނޑަން ހެޔޮ ވާނީ ކިހިނަކުންތޯއެވެ.   މިކަމާއިމެދު ވިސްނާލައިފި މީހަކަށްވެސް މިކަމުގެ ސަބަބުން ލިބޭނެ ގެއްލުންތައް ރަނގަޅަށް އެނގިގެންދާނެއެވެ. މިއަދު ސިޔާސީ މީހާ ތިބާގެ ގާތަށް އަޔަސްވެސް ތިބާ ބަލިވެއްޖެ ނަމަ އަޅާލަން އެ ސިޔާސީ މީހާއެއް ނުހުންނާނެއެވެ. ހުންނާނީ ހަމަ މައި މީހާ ނުވަތަ އާއިލާގެ މީހެކެވެ. އެހެންކަމަށް ވާއިރު އެ މަތިވެރިވެގެންވާ ގުޅުން ކެނޑުމުގެ ބޭނުމަކީ ކޮބައިތޯއެވެ.   ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ސިޔާސީ ވެގެންގޮސް ހައްދުފަހަނާއަޅާ ނުދާށެވެ. އާއިލާ މީހުންނާއި ގުޅުން ކަނޑާފައިވާނަމަ އަލުން އެ ގުޅުން ބަދަހި ކުރާށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...