ގުރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ބުންވަރު އެފްސީ ސެމީއަށް!
ގުރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ބުންވަރު އެފްސީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އެ ގުރޫޕުގެ ދެވަނަ ހޯދާ ހަވާސް އެއްސީވެސް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.   އެމްއީސީ ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ރޯވާސް އެފްސީ އަދި ލިންކޭޖް ބްރަދާސްއެވެ. މި މެޗު 4 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޮވާސް އެފްސީއެވެ. މި މެޗުގައި ރޯވާސްގެ ޝަމްވީލް މުޙައްމަދު އަދި މުޙައްމަދު އަނާން، ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބުކޮށްދިންއިރު އަނެއް ދެ ގޯލައަކީ ލިންކޭޖް ބްރަދާސްގެ މުޙައްމަދު ފަރުހާން އަތުން ބައިކޮޅަށް ވަން ދެގޯލައެވެ. ލިންކޭޖް ބްރަދާސްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަރީފެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯވާސް އެފްސީގެ ޝަމްވީލް މުޙައްމަދެވެ.   ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ބުންވަރު އެފްސީ އަދި އައިވެންޓަސްއެވެ. މި މެޗު 8 – 0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ބުންވަރު އެފްސީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސާޖިދު ރަޝީދު ވަނީ ބުންވަރު އެފްސީއަށް 4 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި އައްޒާމް ހުސައިން އަދި އަޙުމަދު ހުސައިން ވަނީ ކޮންމެ ކުޅުންތެރިއަކު 2 ގޯލް ކާމިޔާބުކޮށްދީފައެވެ.   މި މެޗާއި އެކު ގުރޫޕް ބީގެ މެޗުތައްވަނީ ނިމިފައެވެ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެ 9 ޕޮއިންޓާއި އެކު ގުރޫޕް ބީގެ އެއްވަނައިގައި އޮތީ ބުންވަރު އެފްސީއެވެ. 6 ޕޮއިންޓާއި އެކު ހަވާސް އެސްސީ ދެވަނަ އަށް ދިޔައިރު، ތިންވަނައިގައި އައިވެންޓަސް އޮތީ 3 ޕޮއިންޓާއިއެކުގައެވެ. ކުޑަފުށި ދިޔައީ އެންމެ ޕޮއިންޓެއްވެސް ނުލިބި ގުރޫޕްގެ ފުލަށެވެ.   މި މުބާރާތުގެ ގުރޫޕް އޭ ގެ ފަހު މެޗުތައް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިރޭ 22:00ގައި ބައްދަލުކުރާނީ ލިންކޭޖް ބްރަދާސް އަދި ޓީމް އެޕަލްއެވެ. 23:00 ގައި ބައްދަލުކުރާނީ ތަންގަނޑު އެފްސީ އަދި ޖޯލި މޯލްޑިވްސްއެވެ.   މި މުބާރާތުގެ މެއިން ސްޕޮނަސަރއަކީ ލިޓަސްއެވެ. މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...