ގަދަ ހަތަރު ޓީމުގެ ކުރިމަތިލުންތައް މިރޭ!
9 ޓީމާއިއެކު އެމްއީސީ ފުޓްސަލް ފިއެސްޓާ ފެށީ ނިމިގެން ދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. 2 ގުރޫޕަކަށް ބަހާލައިގެން ކުޅޭ މިމުބާރާތުގެ ގުރޫޕް އޭގައި ހިމެނުނީ ތަންގަނޑު އެފްސީ، ލިންކޭޖް ބުރަދާސް، ޓީމް އެޕަލް، ރޯވާރސް އެފްސީ އަދި ޖޯލި މޯލްޑިވްސްއެވެ. އަދި ގުރޫޕް ބީގައި ހިމެނުނީ ކުޑަފުށި، ހަވާސް އެސްސީ، އައިވެންޓަސް އަދި ބުންވަރު އެފްސީއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ގުުރޫޕް ސްޓޭޖުގެ މެޗުތައް ނިމިފައިވާއިރު މުބާރާތުގެ ސެމީފއަިނަލަށް ދަތުރުކޮށްފައިވާ ޓީމްތައްވަނީ ކަށަވަރުވެފައެވެ.   ގުރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ތަންގަނޑު އެފްސީ ސެމީފައިނަލަށް ދިޔައިރު، ރޯވާސް އެފްސީވަނީ 9 ޕޮއިންޓާއިއެކު ގުރޫޕްގެ ދެވަނަގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ޖޯލި މޯލްޑިވްސްއަށް 6 ޕޮއިންޓާއިއެކު ލިބިފައިވަނީ ގުރޫޕްގެ 3 ވަނައެވެ. ގުރޫޕްގެ ހަތަރުވަނައަށް ދިޔައީ 3 ޕޮއިންޓާއިއެކު ލިންކޭޖް ބުރަދާސްއެވެ. ގުރޫޕްގެ ފުލަށް ދިޔައީ އެންމެ ޕޮއިންޓެއްވެސް ނުލިބި ޓީމް އެޕަލްއެވެ.   ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެ 9 ޕޮއިންޓާއި އެކު ގުރޫޕް ބީގެ އެއްވަނައިގައި އޮތީ ބުންވަރު އެފްސީއެވެ. 6 ޕޮއިންޓާއި އެކު ހަވާސް އެސްސީ ދެވަނަ އަށް ދިޔައިރު، ތިންވަނައިގައި އައިވެންޓަސް އޮތީ 3 ޕޮއިންޓާއިއެކުގައެވެ. ކުޑަފުށި ދިޔައީ އެންމެ ޕޮއިންޓެއްވެސް ނުލިބި ގުރޫޕްގެ ފުލަށެވެ.   މިހާ ހިސާބުން މިބަލާލަނީ މުބާރާތުގެ ސެމީފައިނަލަށް ދިޔަ ހަތަރު ޓީމަށެވެ.   ތަންގަނޑު އެފްސީ
ތަންގަނޑު އެފްސީ
އެމްއިސީ ފުޓްސަލް ފިއެސްޓާގެ އެެންމެ ފަހުގެ ޗެމްޕިއަން ތަންގަނޑު އެފްސީ މިފަހަރުގެ މުބާރާތައް ނިކުތީ ތަށި ދިފާއުކުރުމަށެވެ. ޓީމް ވަރުގަދަ ކުރުމަށް ތަންގަނޑު އެފްސީންވަނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާކަމަށްވާ އަލީ ހާފިޒް ( ހާއްޕެ ) ޓީމަށް ގެނެސްފައެވެ. ތަންގަނޑު އެފްސީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ގުރޫޕް އޭގައި އެ ޓީމް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރުމަށްފަހު 12 ޕޮއިންޓާއިއެކު ގުރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ގުރޫޕް ސްޓޭޖުގައި ތަންގަނޑުންވަނީ 17 ގޯލް ކާމިޔާބުކޮށްފައެވެ. ބައިކޮޅަށް ވަދެފައިވަނީ 6 ގޯލައެވެ. މުބާރާތުގެ ފުރަތަމަ މެޗު ތަންގަނޑު ކާމިޔާބުކުރީ ލިންކޭޖް ބްރަދާސްއާއި ވާދަކޮށް 6 – 2 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ރޯވާސްގެ މައްޗަށް ކުރި ހޯދީ 6 ލަނޑު 1 ލަނޑުންނެވެ. ތިންވަނަ މެޗުގައި 2 ލަނޑު 1 ލަނޑުން ޓީމް އެޕަލް ބަލިކުރިއިރު، ގުރޫޕްގެ ފަހު މެޗުގައި ޖޯލި މޯލްޑިވްސް ބަލިކުރީ 3 ލަނޑު 2 ލަނޑުންނެވެ.   އެމްޓީއާއި ވާހަކަ ދައްކަމުން ތަންގަނޑު އެފްސީގެ ކޯޗް އަޙުމަދު އާމިރު ބުނީ ގުރޫޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީއަށް ދެވުމުން އުފާވާކަމަށާއި މި ކަން ކާމިޔާބުކުރެވުނީ ކުޅުންތެރިންނާއި، ޓީމުގެ އޮފިޝަލުންގެ ބުރަ މަސައްކަތުންކަމަށެވެ. ޓީމްގެ ކުޅުން ވަރަށް ފުރިހަމަ ކަމަށާއި އެކަމާއި ވަރަށް ހިތްހަމަ ޖެހޭކަމަށް ކޯޗް އާމިރު ބުންޏެވެ. އަދި ގުރޫޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީއަށް ދިއުން އެކަމުގެ ހެއްކަކަށްވާކަމަށް ކޯޗް ބުންޏެވެ. ކުރިއަށް އޮތް ސެމީ ފައިނަލް މެޗާއި ބެހޭގޮތުން ކޯޗް އާމިރު ބުނީ މެޗަށް ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި، ސެމީ ފައިނަލް ފަސޭހަ ނުވާނެކަން އެނގޭކަމަށާއި، އެހެންނަމަވެސް ޓީމްގެ ހުރިހާ ކުޅުންތެރިން އަދި އޮފިޝަލުންގެ އަމާޒަކީ ރަނގަޅު ކުޅުމެއްކުޅެ މޮޅަކާއިއެކު މެޗު ނިންމާލުންކަމަށެވެ. އަދި ތަންގަނޑު އެފްސީގެ ސަޕޯޓަރުން ފުރިހަމަ ސަޕޯޓެއް ކުރާހާ ހިނދަކު މީ ނުވާވަރުކަމެއް ނޫންކަމަށް ކޯޗް ބުންޏެވެ.   ބުންވަރު އެފްސީ
ބުންވަރު އެފްސީ
2018 ވަނަ އަހަރުގެ އެމްއީސީ ފުޓްސަލް ފިއެސްޓާގެ ގުރޫޕް ސްޓޭޖުން ކެޓި ނަމަވެސް ބުންވަރު އެފްސީ މިއަހަރުގެ މުބާރާާތަށް ނިކުތީ ކުރިއަށްވުރެ ޓީމް ވަރުގަދަކުރުމަށްފަހުއެވެ. ރަށުން ބޭރު ކީޕަރަކާއި އިތުރު ކުޅުންތެރިއެއް ޓީމަށް ގެނެސްފައިވެއެވެ. ކުރިއަށްވުރެ ވަރުގަދަކޮށް ނިކުމެ ބުންވަރު އެފްސީ ވަނީ ބައިކޮޅަށް ގޯލައެއްވަނަނުދީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ބުންވަރު އެފްސީ މުބާރާތުގައިވަނީ ޖުމްލަ 13 ގޯލް ކާމިޔާބުކޮށްދީފައެވެ. ބުންވަރުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ހަވާސް އެސްސީއާއި ވާދަކޮށް 2 – 0 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުގައި ކުޑަފުށިކޮޅަށް 3 ލަނޑު ޖަހައި، ގުރޫޕްގެ ފަހު މެޗު ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއިއެކު އައިވެންޓަސް ކޮޅަށް 8 ލަނޑު ޖެހުމަށްފަހުއެވެ.   ބުންވަރު އެފްސީގެ ކޯޗު މުޙައްމަދު ބަޝީރު މީދު ޓައިމްސްއަށް ދިން އިންޓަވިއުގައި ބުނީ ކުރީ މެޗުތަކާއި ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭކަމަށާއި ސެމީއަށް ނިކުންނާނީ ފެއާރޕްލޭ ގޭމެއް ކުޅެ މެޗު ކާމިޔާބުކުރަން ކަމަށެވެ. އަދި ސަޕޯޓަރުންގެ ސަޕޯޓަށް ކޯޗް ބަަޝީރުވަނީ ޝުކުރުއަދާކޮށްފައެވެ. އިތުރަށް ބަޝީރު އިތުރަށް ބުނީ ސެމީގެ މެޗުގައި ކުރީ މެޗުތަކުގައި ލިބުނުކަހަލަ ފުރިހަމަ ސަޕޯޓެއް ލީބެނެކަމަށް އުއްމީދު ކުރާކަމުގައެވެ.   ރޯވާސް އެފްސީ
ރޯވާސް އެފްސީ
މުބާރާތުގައި އަލަށްވާދަކުރިނަމަވެސް ރޯވާސް އެފްސީ ސެމީ ފައިނަަލަށް ދަތުރުކޮށްފައިވަނީ ގުރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހުގައެވެ. ރޯވާސް ފުރަތަމަ މެޗު ކާމިޔާބުކުރީ ޓީމް އެޕަލްއާއި ވާދަކޮށް 4 – 2 ގެ ނަތީޖާއަކުންނެވެ. ޖޯލި މޯލްޑިވްސްއާއި ބައްދަލުކުރި މެޗު ކާމިޔާބުކުރީ ފަހަތުން އަރާ 8 ލަނޑު 7 ލަނޑުން އެ ޓީމް ބަލިކުރުމަށްފަހުއެވެ. ލިންކޭޖް ބްރަދާސްއާއި ބައްދަލުކުރި މެޗު އެ ޓީމް ކާމިޔާބުކުރީ 4 – 1 ގެ ނަތީޖާއަކުންނެވެ. ގުރޫޕް ސްޓޭޖުގައި ރޯވާސް ހަމައެކަނި ބަލިވީ ތަންގަނޑު އެފްސީ އަތުންނެވެ. ރޯވާސް އެފްސީ ގުރޫޕް ސްޓޭޖުގައި 17 ގޯލް ކާމިޔާބުކުރިއިރު 16 ގޯލް ވަނީ ބައިކޮޅަށްވަދެފައެވެ. ރޯވާސްގެ ޝަމްވީލްވަނީ ގުރޫޕް ސްޓޭޖުގައި 8 ގޯލް ކާމިޔާބުކޮށްދީފައެވެ. ރޯވާސްއަށް ގުރޫޕްގެ 2 ވަނަ ލިބުނީ 9 ޕޮއިންޓާއިއެކުއެވެ.   މީދޫ ޓައިމްއާއި ވާހަކަ ދައްކަމުން ރޯވާސްގެ ކޯޗު އަނޫސް އަޙުމަދު ބުނީ ގުރޫޕް ސްޓޭޖުގައި ކުދުކުދި މިސްޓޭކް ހެދިފައި ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި ޓީމްގެ ކުޅުމާއިމެދު ހިތްހަމަ ޖެހޭކަަމަށެވެ. އަދި އުއްމީދަކީ ހެދުނު މިސްޓޭކްތައް ރަނގަޅުކޮށް ކުރިޔަށް އޮތް ސެމީ ފައިނަލް މެޗުގައި  ރަނގަޅު ކުޅުމެއްކުޅެ ﷲގެ އިރާފުޅާއިއެކު ފައިނަލްގެ ޖާގައެއް ކަށަވަރުކުރުންކަމުގައި އަނޫސް ބުންޏެވެ.     ހަވާސް އެސްސީ
ހަވާސް އެސްސީ
ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުނުކަމިގައިވިޔަސް ތަފާތު މޮޅު ކުޅުމެއް ދައްކާ ހަވާސް ވަނީ ގުރޫޕް ސްޓޭޖު ފަހަނައަޅައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.ހަވާސް ފުރަތަމަ މެޗު ކާމިޔާބުކުރީ ކުޑަފުށި 3 - 1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.. ދެވަނަ މެޗުގައި 3 ލަނޑު 1 ލަނޑުން އައިވެންޓަސްވަނީ ބަލިކޮށްފައެވެ. ހަވާސް އެސްސީ ހަމައެކަނި ބަލިވެފައިވަނީ ގުރޫޕްގެ ފަހު މެޗުގައި ބުންވަރާއި ވާދަކޮށް 2 – 0 އިންނެވެ. ހަވާސްއިން މުބާރާތުގައި 6 ގޯލް ކާމިޔާބުކޮށްފައިވާއިރު 4 ގޯލްވަނީ ބައިކޮޅަށްވަދެފައެވެ. ހަވާސްއަށް މި ގުރޫޕުން ލިބިފައިވަނީ 6 ޕޮއިންޓާއިއެކު ގުރޫޕުގެ ދެވަނައެވެ.    މީދޫ ޓައިމްސްއާއި ވާހަކަ ދައްކަމުން ހަވާސް އެސްސީގެ ކޯޗު އަދުހަމް އިސްމާއީލް ބުނީ ގުރޫޕް ސްޓޭޖުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ސެލިއުޓް ކުރާކަމަށާއި ކައިރިކައިރީގައި ތިން މެޗު ކުޅެން ޖެހުމުން ވަރުބަލިކަން ފެނުނު ނަމަވެސް، ފަހުވަގުތާ ޖެހެންދެން ހުރިހާ ކުޅުންތެރިންގެ ހިތްވަރާއި، ޖޯޝުގައި ކުޅުނު ކުޅުމަށް ޝޫކުރު ޙައްޤުކަމަށެވެ. އަދި ﷲގެ އިރާދަފުޅާއިއެކު ޓީމް އޮތީ ވަރަށް ފިޓްކޮށް ކަމަށާއި، މުޅި ހަވާސް އޮތީ  ސެމީ ފައިނަލް ކާމިޔާބުކުރަން ފުރިހަމައަށް ތައްޔާރުވެފަކަށް އަދުހަމް ބުންޏެެވެ.   މުބާރަތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. ފުރަތަމަ މެޗުގައި 22:00 ގައި ބައްދަލުކުރާނީ ތަންގަނޑު އެފްސީ އަދި ހަވާސް އެސްސީއެވެ. ދެވަނަ ސެމީގައި 23:00 ގައި ބައްދަލުކުރާނީ ބުންވަރު އެފްސީ އަިދ ރޯވާސް އެފްސީއެވެ.   ސެމީފައިނަލް ދެ މެޗުވެސް މީދޫ ޓައިމްސްގެ ފޭސްބުކު ޕޭޖުން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިޓަސް އެވެ.އިތުރު ސްޕޮންސަރުންނަކީ ރާޅު މޯލްޑިވްސް، މަގުސަދު އިންވެސްޓްމަންޓް، ބުލޫ ވޭވްސް، އަވި، ކެޕްޓަން މޯލްޑިވްސް، އައިސް ކިއު، ސްކައި ވޭވް، ޑިފަރެންސް، ހެޕީ ކޯން، މަކިއާތޯ، ސްކައި ބުލޫ ފާމަސީ، ސްޓޭ ސެއިލް އަދި ފެމެލީ ޕެރެގަންއެވެ.   މި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.

ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...