އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މީދޫގައި މިއަދު ވެހިކަލްބުރެއް ބާއްވައިފި.
އިއްޔެ ރާއްޖޭގައި ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރ. މީދޫގައި ވެހިކަލްބުރެއް ކުރިއަށްގެންގޮސްފިއެވެ.   މިއަދު ހަވީރު 4:30ގައި އެމްޑީޕީ އޯގާތެރި ޖަގަހަ ކުރިމަތިން ފެށި މިވެހިކަލްބުރުގައި އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ. އަދި އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ހަރަކާތްތަކުން ނުފެންނަ ޒުވާނުންނެއްވެސް މިއަދުގެ ވެހިކަލްބުރުން ފެނިގެންގޮސްފައިވެއެވެ. މި ވެހިކަލްބުރު މީދޫގެ ބޮޑެތި ހުރިހާމަގުތަކެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.    އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގައި ރ. މީދޫގައި ބެހެއްޓުނު 2 ވޯޓު ފޮށިން މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލިބިވަޑައިގަތީ 674 ވޯޓެވެ. އަދި  އިދިކޮޅު ކޯލިޝަނުގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތީ 483 ވޯޓެވެ. މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 134،616 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 58.4 އިންސައްތައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96123 ވޯޓެވެ. އެއީ 41.6 އިންސައްތައެވެ.     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...